މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައި ހުންނަ ގަވާއިދުތަކަށް ތަބާނުވުމަކީ މަގު ބޭނުންކުރާ މީހުންނަށް ފުރާނަޔަށް ނުރައްކާތެރި ހަތިޔާރަކަށް ވެގެންދާކަމެކެވެ. ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ގިނަ މަގުތަކުގައި މަގު ހުރަސް ކުރުމަށް ވަކި ސަރަހައްދުތަކެއް އެންމެނަށް އިނގޭނެ ފަދައިން ވަނީ ފާހަގަ ކުރެވިފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ މަގުތަކުގައެވެ.
އެހެން ނަމަވެސް މަގުހުރަހަކީ ވަރަށް ތަފާތު ގޮތަކަށް ބައެއް ދިވެހިންނަށް ވިސްނިފައި އޮންނަ ތަނެކެވެ. ހިނގާ މީހުންގެ މިލްކެއް ގޮތުގައެވެ. މަގުގެ ދެކޮޅު ނުބަލާ ކުއްލި އަކަށް ނުކުމެ ހުރަސް ކުރަންޖެހޭ ތަނެއް ގޮތުގައެެވެ. ނޫނީ މަޑު ރާގަކަށް ހިނގާފައި ހުރަސްކުރަންޖެހޭ ތަނެއްގޮތުގައެވެ. މީގެ ތެރެއިންވެސް އެންމެ ނުރައްކާތެރިކޮށް މަގުހުރަސް ބޭނުން ކުރަނީ ކުއްލިގޮތަކަށް ނުކުމެ ނޫނީ ބާރު ސްޕީޑުގައި މަގުގެ ދެފަރާތް ނުބަލާ ނިކުންނަ މީހުންނެވެ.
މިއީ ހަމަ ހަގީގަތުގައިވެސް މިކަން އޮންނަގޮތް؟
ރާއްޖޭގައި މަގުހުރަހަކީ ހިނގާ މީހުންނަށް އެއްވެސް ގަވާއިދެއް ނޫނީ ބަލަންޖެހޭ އެއްވެސް ބެލުމެއް ނެތް ވަކި ހާއްސަ ހުއްދައެއް ލިބިދޭ ތަނެއްގޮތުގައި ބައެއް މީހުންނަށް އޮންނަނީ ހީވެފައެވެ. މާލެ ސަރަހައްދުގެ ގިނަ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ގޮތުން ސައިކަލުގައި ނުވަތަ ހާއްސަކޮށް ކާރުގައި ދުއްވާފައި އަންނަ މީހުންނަށް މަގުހުރަހާއި ކައިރިވުމުން ނޫނީ ދުވާރުގެ ދެފަރާތުގައި ތިބޭ މީހުން ނުފެނެއެވެ. މިއީ ޕާކު ކުރުމަށް ރާއްޖޭގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމުން ޖެހިގެން އުޅޭ މައްސަލައެކެވެ.
ދުނިޔޭގެ ތަހުޒީބު ގައުމު ތަކާއި އެއްވަރަށް ރާއްޖެ ތަރައްގީ ކުރުމަށް އެދި ދިވެހިން އަޑު އުފުލާ ދަރަޖައަށް މަސައްކަތްކުރަމުން ދާއިރު، ފަރުދީގޮތުން އަމިއްލަ ސިކުނޑިއަށް ގެނެވިދާނެ ތަރައްގީ އަކާއި މެދު ވިސްނާލީ ކިތައްމީހުންތޯއެވެ؟ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމު ތަކުގައި މަގުހުރަސް ބައްތި ހުރެއެވެ. ރާއްޖޭގައި ކޮންމެ މަގު ހުރަހަކަށް ބައްތިއެއް ނެތުމަކީ އެމީހަކު ބޭނުން ގޮތަކަށް މަގުހުރަސް ކުރަން ލިބޭ ހުއްދައެއް ނޫނެވެ. މިކަމުގައި ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަކީ އެންމެ މުހިންމު އެއްކަމެވެ.
މި ކުޑަކުޑަ ގައުމުގެ ކޮންމެ މަގެއްގައި މަގުހުރަސް ހަރުކުރުމަކީ ގައުމުގެ މާލީހާލަތުގެ ހުރި ގޮތުން މިއަދު ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެ ކުޑަކުޑަ ކަމެއްގެ ހައްލަކީ މިލިއަނުންފައިސާ ހަރަދުކޮށް މަގުހުރަސް ބައްތި ފަދަ ބޮޑެތި ހަރަދުކުރުމެއްވެސް ނޫނެވެ. ގައުމުގައި މާލީގޮތުން ބޮޑެތި ގޮންޖެހުން އޮތް މިހާލަތުގައި މިފަދަ ކަންކަމަށް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެެކެވެ.
އެހެންކަމުން ބާރު ސްޕީޑުގައި މަގު ހުރަހަށް ދުވެފައި އެރުމުގެ ބަދަލުގައި މަގުގެ ދެފަރާތް ބެލުމަށްފަހު، ދުއްވާތަކެތި މަގު ހުރަހަށް ޖާގަ ދިނުމުން މަގު ހުރަސް ކުރުމަކީ ނުރައްކާތެރި ހާދިސާތައް މަދުވެގެންދާނެ ކަމެކެވެ. އަދި އެހެންމެ ދުއްވާފައިދާ ބޭފުޅުން ހިނގާމީހުންނަށް ޖާގަދީ މަގު ހުރަހަށް މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރާ މުޖުތަމައެއް ކުރިއަށް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅެފައިވާ ޒިންމާއެއްކަން ހަދާން ބަހައްޓާށެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި ދުއްވާ މީހުންގެ ޒިންމާއެއް ނޫންކަން ވިސްނާލާށެވެ.