ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ވީއައިއޭ) ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެމަޖެންސީ ތަމްރީނާ ގުޅިގެން، ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެ ދާ ފަޅި ވަގުތީގޮތުން ބަންދުކުރާނެކަން ހާމަކޮށްފިއެވެ.
އެމްއޭސީއެލްގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި، މި ތަމްރީނު ހިންގުމަށްޓަކައި މިއަދު ހަވީރު 4 އިން ރޭގަނޑު 9 އާ ހަމައަށް ބްރިޖުގެ އެ ސަރަހައްދު ބަންދުކުރާނެއެވެ.
މި ވަގުތުތަކުގައި، ބްރިޖުގެ ދަތުރުފަތުރު ބެލެހެއްޓުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި، އެމަޖެންސީ ތަމްރީނު ކުރިއަށްދާ ވަގުތުގައިވެސް އެއާޕޯޓުގެ އާންމު މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާދިސާތަކަށް ތައްޔާރުވެ ތިބުމަށް ކުރަންޖެހޭ ކަންކަން ޔަގީންކުރުމަށް ބާއްވަންޖެހޭ މުހިންމު ތަމްރީނެކެވެ. މިފަދަ އެންމެ ފަހު ތަމްރީނެއް ބޭއްވިފައިވަނީ 2022 ވަނަ އަހަރުގައެވެ.