އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނާއި އިންޑިއާގެ ރައްޔިތުންގެ އަރިހުން ރަސްމީކޮށް މާފަށް އެދުމަށް ދިވެހި ސަރުކާރަށް ކުރީގެ މެމްބަރ އޮފް ޕާލިމެންޓް އަހްމަދު މަހްލޫފް ގޮވާލައްވައިފިއެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އިދިކޮޅުގައި ތިބިއިރު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި، އިންޑިއާގެ ސަގާފަތާއި ރައްޔިތުންނާ ދެކޮޅަށް ފުރައްސާރަކޮށް، ރުޅިވެރިކަން އުފެއްދުމުގައި ހުރިހާ ހައްދެއް ފަހަނައަޅާ ގޮސްފައިވެއެވެ. އަދި މިކަމަކީ ކަންތައްތައް ގޮސްފައިވާ ހިސާބާއި، އޭގެ ނުބައިކަން ދައްކުވައިދޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ އިންތިޚާބު ކާމިޔާބުކުރުމަށް ހިންގުނު، މުޅިން ދޮގުގެ މައްޗަށް ބިނާކުރެވިފައިވާ އެންމެ ބޮޑު މަކަރުތަކުގެ ތެރެއިން އެއް މަކަރު ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ވެރިކަމަށް އައުމަށްފަހުވެސް، ހަގީގަތް އެނގެންދެން އިންޑިއާއަކީ އެންމެ ބޮޑު "ބުލީ" ގެ ގޮތުގައި ސިފަކުރަމުން ގެންދިޔަ ކަމަށް ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ވަރަށް ސާފު އަދި ވަރުގަދަ މެސެޖެއް ފޮނުވާލާ ދަތުރުފުޅެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި "އިންޑިއާއަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ ގާތް އަވައްޓެރިޔާއާއި، ތެދުވެރި ރަހުމަތްތެރިޔާ އަދި އަޅުގަނޑުމެންގެ ގައުމުގެ ތަރައްގީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ އެއް ފަރާތް" ކަމުގައި ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު އިތުރުކޮށްދޭނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.