އިންޑިއާ ދިދަ ޖުމްހޫރީ މައިދާނުން ކުރިމަތިން -- ފޮޓޯ/ ޖުމްލަ

އިންޑިއާ-ރާއްޖެ ދިދަ އެކުގައި: ރަމްޒުކޮށްދެނީ އެކުވެރިކަމާއި ގުޅުން

މުހައްމަދު ހަމީޒް
 
14 ދުވަސް ކުރިން

މިނިވަން ދުވަސް ބައްދަލުކުރާއިރު ރާއްޖޭގެ ދިދައާއެކު އިންޑިއާގެ ދިދަ ވެސް ޖުމްހޫރީ މައިދާނުގައި ވިހުރޭތީ އެކި މީހުންގެ ޝުއޫރު ހުރީ އެކި ގޮތަށެވެ.

ނަމަވެސް މިއީ ޚާރިޖީ ގޮތުން ބަލައިނަމަ ދެ ގައުމުގެ އެކުވެރިކަން ހާމަވާ ފުރިހަމަ ނިޝާނެކެވެ. 


ރަސްމީ މި ފަދަ ދަތުރުފުޅުތަކާ ދިމާކޮށް ވަޑައިގަންނަވާ ވެރިއަކު ނިސްބަތްވެވަޑައިގަންނަވާ ގަައުމުގެ ދިދަ ޖެހުމަކީ އާންމު ކަމެކެވެ. 

ދެ ގައުމުގެ ގުޅުމަށް ވެސް 60 އަހަރު ފުރޭއިރު އެކި ދާއިރާތަކުން ގުޅުން ވަނީ ބަދަހިވެފައެވެ. 

ސިއްހީ ދާއިރާއަށް ބަލައިނަމަ މިއީ ރާއްޖޭގެ އެންމެ ގާތް މަދަދުވެރިޔާއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮަސްޕިޓަލާއި، ނަރުހުންނާއި ޑޮކްޓަރުންގެ އެހީއަކީ ފުރިހަމަ މިސާލެކެވެ.


ހަމައެއާއެކު މިއަދު ވެސް އެންމެ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ދަނީ އިންޑިއާ އަށެވެ. ޓްރިވެންޑްރަމްގެ ހޮސްޕިޓަލުތަކަށް ދިވެހީންގެ އިތުބާރުވަނީ ލިބިފައެވެ. ރާއްޖެއިން ނުލިބޭ ފަރުވާތައް ދިވެހީންނަށް ފަސޭހަކަމާއެކު ލިބެން ހުރެއެވެ.

ތައުލީމީ ނިޒާމަށް ބަލައިލާއިރު ވެސް ފެންނަނީ ބަދަހި ގުޅުމެވެ. އިންޑިއާ ޓީޗަރެއްގެ ފަރާތުން ތައުލީމް ނުލިބި ސްކޫލު ދައުރު ނިންމާ އެއްވެސް ކުއްޖަކު ރާއްޖޭގައި ނުހުންނާނެއެވެ.  

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ނެއިބަހުޑް ފަސްޓު ޕޮލިސީގެ ދަށުން ރާއްޖެއަށް ދެނީ އެންމެ މަތީ ދަރަޖައިގެ އިސްކަމެވެ. 


މިކަން އެ ގައުމުން ރާއްޖެއަށް ދޭ މާލީ އެހީއާއި އުމްރާނީ ތަރައްގީގެ އެހީތަކުން ހާމަވެއެވެ. އެފްކޯންސް އިން ތަރައްގީ ކުރާ ތިލަމާލެ ބްރިޖާއި ރަށްރަށުގެ ނަރުދަމާ މަސައްކަތާއި، އެފްޑީސީގެ 4،000 ފްލެޓަކީ އެ ކަންކަމުގެ ހެއްކެވެ. 

ރާއްޖެއަކީ އެއްވެސް ގައުމަކަށް ނަފްރަތުކުރާ ގައުމަކަށް ވެެގެން ނުވާނެއެވެ. ދިވެހި ޚާރިޖީ ސިޔާސަތުގައި ދިވެހިން އިސްކޮށް ކޮންމެ ގައުމަކާ އެކީ ގުޅިގެން މަަސައްކަތް ކުރަންޖެހެއެެވެ. 


މޯދީގެ ދަތުރުފުޅު ޚާއްސަވަނީ އެހެންވެއެވެ. އެންމެ ބޮޑު އެއް ގައުމުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަކީ އިންޑިއާ-ރާއްޖެ ގުޅުން ބަދަހިކަން ހާމަވާ ކަމެކެވެ. 

މި މަހުގެ 25 ވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާނެއެވެ. 26ވަނަ ދުވަހު ފުރާވަޑައިގަންނަވާނީ މިނިވަންދުވަހުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށްފަހުގައެވެ.