ސިވިކް ކުންފުނީގެ ލޭންޑިން ކްރާފްޓް މާލެއިން ވ. އަތޮޅަށް ކުރި ދަތުރުގައި ކާށިދޫ ކަނޑުގެ ތެރެއަށް ބަންޑުންޖަހާލައި ފެތުނު ހާދިސާއާ ގުޅިގެން، އެމްއެންޑީއެފްއިން އެތެރޭގެ ތަޙުޤީޤެއް ފަށައިފިވެ.
މި ހާދިސާގައި ބަނގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ ފަޅުވެރިއެއް ވަނީ ގެއްލިފައެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާއާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ލޭންޑިން ކްރާފްޓް ފެތުނީ ޅަވިޔަނި އަތޮޅާ ފަސް ވަރަކަށް މޭލު ދުރުގައި އުޅަނދު ދިޔަވެ، ކުއްލިއަކަށް އަރިއަޅާލުމާ ގުޅިގެންނެވެ. މި ހާދިސާ ހިނގިއިރު، އުޅަނދުގެ ކެޕްޓަން އާއި ވޮރަންޓް އޮފިސަރ ޢަލީ ޙާމިދު ތިބީ ވީލްހައުސްގައި ކަމަށާއި، ގެއްލުނު ބިދޭސީ ފަޅުވެރިޔާ ހުރީ އިންޖީނު ރޫމުގައި ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އުޅަނދު ފެތުމާ ގުޅިގެން ވޮރަންޓް އޮފިސަރު ޢަލީ ޙާމިދުގެ ހަށިގަނޑު ވަނީ ވީލްހައުސް ތެރެއިން ފެނިފައެވެ. އެހެންނަމަވެސް، އިންޖީނު ރޫމުގައި ހުރި ކަމަށް ބެލެވޭ ބިދޭސީ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ދަނީ ކުރަމުންނެވެ.
މި ހާދިސާއާއި ގުޅިގެން އެމް.އެން.ޑީ.އެފްއިން ފާހަގަކޮށްފައިވާ ގޮތުގައި، ލޭންޑިން ކްރާފްޓަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުންނެވެ. އަދި އުޅަނދު ފުރުމާއި ބަނދަރުކުރުމުގެ ނިންމުންތައް ނިންމަނީ އުޅަނދުގެ ހާލަތާއި މޫސުމަށް ބަލައި، ކެޕްޓަންގެ އަމިއްލަ ނިންމުމެއްގެ ގޮތުގައި ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ލޭންޑިންގ ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅަވިޔަނި އަތޮޅާ އެންމެ ދުރުން 50 މީޓަރު އަޑިއަށެވެ. މި ހާދިސާއާ ގުޅިގެން އެމް.އެން.ޑީ.އެފުން ވަކި ބޯޓެއް ކަނޑައަޅައި، ހާދިސާ ހިނގި ގޮތް ބަލައި ތަޙުޤީޤު ކުރަމުންދާ ކަމަށް ވަނީ މަޢުލޫމާތު ދީފައެވެ.