މިދިޔަ މަހުގެ 28 ވަނަ ދުވަހު ލ. މާވަށުގައި ހިނގައިދިޔަ މާރާމާރީގެ ހަމަލާގާއި މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑީއާއަށް ފުރުވައިފިއެވެ.
އޮޓޮޕްސީ ހެދުމަށް މޫސާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މޯޗަރީގައި އޮންނަތާ 10 ދުވަސް ފަހުންނެވެ. ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު އިންޑީއާއަށް ފޮނުވާފައިވަނީ އިއްޔެއެވެ.
އިތުރު ތަހުލީލުތައް ހެދުމަށް މޫސާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ފުލުހުން ބޭނުންވިއަސް އާއިލާއިން މިކަމުގައި ދެކޮޅުކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މޫސާ މަރާލީ މީހާ އަމިއްލައަށް ވަނީ ފުލުހުންނާ ހަވާލުވެ ކުށަށް އެއްބަސްވެފައެވެ.
މި މާރާމާރީގައި މޫސާއަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، ޢުމުރުން 29 އަހަރުގެ މީހެކެވެ. މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.