ކަނބުލޮ ފިލްމުގެ ތެރެއިން | ފޮޓޯ: ކިޑް ޕްރޮޑަކްޝަން

"ކަނބުލޮ"ގެ ޓިކެޓް ވިއްކަން މާދަމާ ފަށަނީ

މުހައްމަދު ހަމީޒް
 
1 އަހަރު ކުރިން

ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދޭ ކަނބުލޮގެ ޓިކެޓް ވިއްކަން މާދަމާ ފަށާނެކަމަށް ފިލްމުގެ ޕްރޮމޯޝަން ހިންގާ އިންސްޓަގްރަމް ޕޭޖުގައި ބުނެފިއެވެ.

ރެކޯޑް ހެދި، ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ 31 އޯގަސްޓްގައެވެ.

މުޖުތަމަޢުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެއެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ،އަހުމަދު ނިމާލް،ޝީލާ ނަޖީބު،އަހުމަދު އީސާ،ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކަށް ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރެވުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދު އެވެ.

ފިލްމުގެ ޓިކެޓް ބުކިންއަށް ކުރިން ހުޅުވާލާފައިވާއިރު ފުރަތަމަ ޝޯގެ ބުކިންގ މާދަމާ 12 ޖެހުމުގެ ކުރިން ނުނަގާނަމަ ކެންސަލްވާނެއެވެ.