ފިލްމީ ދާއިރާއަށް އަހަރަކު އެވްރެޖްކޮށް 15 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި އާންމު ފަރާތަކުން ކުރި ސުވާލަކާއި ގުޅިގެން ހީނާ ވިދާޅުވީ އޮލިމްޕަހުގައި ވަރަށް ގިނަ ފިލްމުތަކެއް އަޅުވަމުން އެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެންދާ ކަމަށާއި އެ ދާއިރާގެ ވިޔަފާރީގެ އަގު މިހާރު ހުރީ އަހަރަކަށް އެވްރެޖްކޮށް 15 މިލިއަން ރުފިޔާ ހިސާބުގައި ކަމަށެވެ.
އަދި އޮލިމްޕަސް ވެސް ދޫކުރަނީ ވަރަށް ކުޑަކުޑަ އަގެއްގައި ކަމަށާއި އެގޮތުން ރެޔަކަށް ގާތްގަނޑަކަށް 2،000ރ. ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އޮލިމްޕަހުގައި ހުރި ބައެއް ވަސީލްތައް ވަރަށް ބޮޑަށް މަރާމާތުކުރަންޖެހޭ ކަމަށާއި ނަމަވެސް ފަންނުވެރިންނަށް ސަބްސިޑައިޒްކޮށްގެން ކަންކަންކުރަމުން ދަނީ ފަންނުވެރިންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
ހީނާ ވަނީ ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއެކު އެ ދާއިރާ އިތުރަށް ތަރައްގީކުރުމުގައި ފަންނުވެރިންނާއި ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވެފަ އެވެ.