ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން. / ފޮޓޯ: ޕީއެސްއެމް

ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީކުރުމާގުޅޭ މަޝްވަރާތަކަށް އަމީން ތުރުކީއަށް

މަރިޔަމް ސަމްހާ
 
1 އަހަރު ކުރިން

ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީކުރުމާގުޅޭ މަޝްވަރާތަކަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ މި މަހުގެ 27 އިން 29 އަށް ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބާއްވާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ..

ވުޒާރާއިން ބުނީ މި ފޯރަމްގެ މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް ކަމަށެވެ. މީގެ އިތުރުން، މި ފޯރަމްގައި ހާއްސަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްގީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ކަމަށް ވުޒާރާއިން ބުންޏެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އިފްތިތާހްކޮށްދެއްވާ މި ފޯރަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. މި ސެޝަނަކީ އެކި ގައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަގުބަލް ބައްޓަންކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، އަމަލީ ހަގީގަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންސައެއް ކަމަށް ވުޒާރާއިން ބުންޏެވެ.