ބިދޭސީންގެ ނަމުގައި ވެހިކަލް ރަޖިސްޓްރީކުރުން މަޑުޖައްސައިފި

އާއިޝަތު އަނާ ރަޝީދު
 
8 މަސް ކުރިން

ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.

 މި ނިންމުން ނިންމާފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކާއި މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގްސަދުގައެވެ.

މިނިސްޓަރު ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި އިސްލާހުތައް ގެނައުމުގެ މަސައްކަތް ނިމެންދެން، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މީގެ ކުރިން ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި، ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ޚާއްސަ ޕާކިން ބިލްޑިންތަކެއް އެޅުމުގެ ޕްލޭންތައް ހިއްސާކޮށްފައެވެ.