މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ލޭ ޓެސްޓުކުރުމަށް ފުރަތަމަ ފަހަރަށް, ނިއުކްލިއިކް އެސިޑް ޓެސްޓިން (އެންއޭޓީ) ގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުއްރައްޒާގު ހަލީމް "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސާވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިން ފެށުމަކީ ރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި މިއަދު މި ޙާޞިލްވީ ވަރަށް މުހިއްމު ތާރީޚީ މަރުހަލާއެއް ކަމަށެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށުނު މި ޚިދުމަތަކީ، ހަދިޔާކުރައްވާ ލޭގައި ހުރެދާނެ ހެޕަޓައިޓީސް ބީ، އެޗްއައިވީ، އަދި ހެޕަޓައިޓީސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށް ހަލީމް ވިދާޅުވިއެވ
"ޚާއްސަ ގޮތެއްގައި، މި ޚިދުމަތް ތައާރަފް ކުރެވިގެން ދިއުމަކީ، ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވަޢުދުފުޅުތަކާ އެއްގޮތަށް، ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީޚީ މަސައްކަތެއްގެ ފެށުން" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސޭމިއާ މާސްޓާ ޕްލޭން 2024–2034 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްޞަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ޤައުމީ ފިޔަވަޅެއް ކަމަށެވެ.