ފޮރިން މިިނިސްޓަރު އިރުތިޝާމް އާދަމް

އެހީ ހޯދުމަށް ބޭރުގެ ގައުމުތަކާ ދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރު އިރުތިޝާމް

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާނޭ އެހީތެރިކަން ހޯދުމަށް ބޭރުގެ ގައުމުތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދި އަދި ރާއްޖެއަށް ބޭނުންވާނޭ ކާބޯތަކެއްޗާއި ބޭސްފަދަ އަސާސީ ސާމާނު ގެމައުމުގައި އެކުވެރި ގައުމުތަކާ އެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ފާއިތުވި 2 ހަފުތާއެއްގެ ތެރޭގައި އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުގެ ވަޒީރުންނަށް ގުޅުއްވާ މިކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މި މަޝްވަރާތަކުގައި ކުރިއަށް އޮތްތަނުގައި ހާލަތު ބަދަލުވެދާނެ ގޮތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު ބެލުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން އެފަދަ ގައުމުތަކުގައި ދިރިއުލޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަން މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި އެވެ. އަދި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެމްބަސީތައް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.