މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު އިލްތިމާސްކޮށްފިއެވެ.
ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި، އެ ގައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.
މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ހާރިޖިއްޔާއިން ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ހޮޓްލައިން ނަންބަރުތައްވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެގޮތުން ދޯހާގައި ހުންނަ އެމްބަސީއަށް 97451777896+، ޔޫ.އޭ.އީ އެމްބަސީއަށް 97126740200+ އަދި ސައުދީ އަރަބިއްޔާގައި ހުންނަ އެމްބަސީއަށް 966506894477+ ނަންބަރު މެދުވެރިކޮށް ގުޅޭނެއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން ނަންބަރު 7983400 (ވަޓްސްއެޕް) މެދުވެރިކޮށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.