ފޮރިންގ މިނިސްޓަރ އިރުތިޝާމް އާދަމް އިޓަލީގެ ސަފީރާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން

މަހުދީ ނިޔާވުމާ ގުޅިގެން އިޓަލީގެ ތައުޒިޔާގެ މެސެޖެއް

މުހައްމަދު ހަމީޒް
 
23 ގަޑިއިރު ކުރިން

ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޯވެގެން ކުއްލި ގޮތަކަށް ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ވަކިވުމާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޔާނީ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއަށް ރަސްމީ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

އިޓަލީގެ ފޮރިން މިނިސްޓަރުގެ މެސެޖުގައި، ވ. އަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، މިނިސްޓަރު އިރުތިޝާމް ކުރިން ފޮނުއްވި ތައުޒިޔާގެ މެސެޖަށް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަދި ގެއްލިފައިވާ އިޓަލީގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރު މުހައްމަދު މަހުދީ ނިޔާވި ހަބަރަކީ، އިޓަލީވިލާތަށް މިހާރު ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްތަކަށް އިތުރު ހިތްދަތިކަމެއް ގެނެސްދިން ކަމެއް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

މިނިސްޓަރު އެންޓޯނިއޯ ޓަޔާނީ ވަނީ ރާއްޖެއަށް ދިމާވި މި ބޮޑު ހިތާމައިގައި ފުރިހަމައަށް ބައިވެރިވެވަޑައިގެން، އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި، ގައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މި ހިތާމަވެރި ހާދިސާގެ ސަބަބުން ސީދާ އަސަރުކޮށްފައިވާ ދެ ގައުމުގެ އާއިލާތަކަށް ލިބިފައިވާ ފުން ހިތާމާގައި ދެ ގައުމުގެ ރައްޔިތުން އެކުގައި ބައިވެރިވާ ކަމަށާއި، އެ ލޮބުވެތި އާއިލާތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި ކޯސްޓްގާޑުން ކުރަމުން ގެންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރުއަދާ ކުރެއްވި އެވެ. އަދި ބާކީ ތިބި ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނަށް އިޓަލީވިލާތުގެ ސަރުކާރުގެ ފަންނީ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވުމަށް އަބަދުވެސް ތައްޔާރަށް ތިއްބެވިކަމަށް އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީވިލާތުގެ ފަސް ފަތުރުވެރިންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރްސީސީ) ރިޕޯޓު ލިބުނީ މި ހިނގާ މެއި މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 ހާއިރެވެ.

ހަމަ އެދުވަހުގެ ވަގުތެއްގައި އެކަކުގެ ހަށިގަނޑު ވަނީ މަރުވެފައި އޮއްވައި ފެނިފަ އެވެ. އަދި ބާކީ ތިބި ހަތަރު ފަތުރުވެރިން އަދިވެސް ނުފެންނާތީ، އެމްއެންޑީއެފުން އެ ސަރަހައްދުގައި ހާއްސަ "ހައި-ރިސްކް" އޮޕަރޭޝަނެއް ފެށި އެވެ. ނަމަވެސް މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.