ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ހޮވުނު ފަރާތްތަކުން މިއަދު ހުވާކޮށްފައިވާއިރު 1 ކައުންސިލަރަކާއި ޑަބްލިއުޑީސީގެ 11 ކައުންސިލަރެއް މިއަދު ހުވާ ނުކުރާނެކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފި އެވެ.
އެލްޖީއޭއިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހެނީ 678 މެންބަރުންނެވެ. ނަމަވެސް އިންތިހާބު ކުރެވިފައިވަނީ 677 މެންބަރުންކަމަށް އެލްޖީއޭއިން ބުނެ އެވެ. އިންތިހާބު ނުކުރެވި ވަނީ ދ. މީދޫ ކައުންސިލްގެ ރައީސް އެވެ.
ކައުންސިލްތަކަށް އިންތިހާބުވި 677 މެންބަރުންގެ ތެރެއިން މިއަދު ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 676 މެންބަރުންނެވެ.
މީގެ އިތުރުން އެލްޖީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ޑަބްލިއުޑީސީގެ މެންބަރުންގެ ގޮތުގައިވެސް 678 މެންބަރަކު އިންތިހާބު ކުރަން ޖެހޭއިރު މިހާތަނަށް އިންތިހާބު ކުރެވިފައިވަނީ 673 މެންބަރުންނެވެ. އަދި މީގެ ތެރެއިން މިއަދު ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 662 މެންބަރުންކަމަށް އެލްޖީއޭއިން ބުނެ އެވެ.
އިންތިހާބުވެފައިވާ 1 ކައުންސިލަރަކާއި ޑަބްލިއުޑީސީގެ 11 މެންބަރުން މިއަދު ހުވާ ނުކުރައްވާ ސަބަބެއް އެލްޖީއޭއިން ހާމައެއް ނުކުރެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު އިންތިހާބު ނުކުރެވިވާ މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބާއި ޑަބްލިއުޑީސީތަކަށް އިންތިހާބު ކުރަން ޖެހޭ 5 މެންބަރުން ހޮވުމަށް އިންތިހާބު ބޭއްވުމަށް އީސީން އަންނަނީ ތައްޔާރުވަމުންނެވެ.