"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުގެ އެންގުމަކަށް ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގުގައި، އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ދައުވާއެއްގެ ތުހުމަތު ފުލުހުން މިއަދު އުފުލައިފިއެވެ.
މި މައްސަލައިގައި ސުވާލުކުރުމަށް މިއަދު ހެނދުނު ހަސަން ފުލުސް އޮފީހަށް ހާޒިރުކުރުމުން، އޭނާ ވަނީ ގާނޫނުއަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ.
ހަސަންގެ ގާނޫނީ ވަކީލު ސައްޔާހު ހަލީލު ވިދާޅުވި ގޮތުގައި، މައުލޫމާތު ހޯދި މަސްދަރު ސިއްރުކުރުމަކީ ގާނޫނީ ހައްގަކަށް ވާތީ، ހަސަން ވަނީ ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް ސުވާލުތަކަށް ޖަވާބު ދިނުމަށް އުޒުރުވެރިވެފައެވެ.
ހަސަންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި، ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ދަށުން ކުށެއްގައި ބައިވެރިވުމުގެ ޒިންމާ އުފުލަންޖެހުމާއި، 612 ވަނަ މާއްދާގެ ދަށުން ގަޛްފުކުރުމާއި، 81 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް އެދުމުގެ އިތުރުން 82 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.
މި މައްސަލައިގެ ތަހުގީގަށް އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު މެންދުރު ފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ޝާމިލުވާ ކަމަށް ބެލެވޭ، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުން ވަނީ ޗިޓު ފޮނުވާފައެވެ. އެ މުވައްޒަފުގެ ޕާސްޕޯޓު ވެސް މިހާރު އޮތީ ހިފަހައްޓާފައެވެ.
ފުލުހުން ވަނީ އަންގާރަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.