އީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ 'އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލާގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފި އެވެ.
މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި ރޭގެ ވަގުތަކުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
ހުޅުމާލޭގައި އީޝާ އަޝްރަފު ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފަ އެވެ.
މި ސަރުކާރުގެ ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ސަރުކާރުން ވަކިކޮށްފައިވާ އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރުކުރީ އިއްޔެއިން ފެށިގެން އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
މި މައްސަލާގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި އެ ނޫހުގެ ބައެއް މުދާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފަ އެވެ.