މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު --

ފެންނަނުފެންނަ ވޯޓު ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ނާއިފް ހަލީމް
 
12 ގަޑިއިރު ކުރިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅުއްވައިފައިވާ ސުވާލު ގާނޫނުއަސާސީއާ ޚިލާފު ނޫންކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރެފެރަންޑަމާ ގުޅޭ ދުސްތޫރީ މައްސަލައަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލަ ހުށަހެޅީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާމެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށެވެ.

މިދިޔަ ހަފްތާގައި މި މައްސަލައިގެ އެއް އަޑުއެހުން ބޭއްވިއެވެ. އެ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައިވަނީ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ގާނޫނުގައި އޮތީ ރައީސް ނެރުއްވާ ގަރާރަކުން ސުވާލު ފަރުމާކުރަން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.