މޫދަށް ކުނި އަޅާ މީހުން ޖޫރިމަނާކުރެވޭ ގަވައިދެއް ހަދަނީ

ނާއިފް ހަލީމް
 
2 ގަޑިއިރު ކުރިން

ރަށްރަށުގެ މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކޮށް، ފިޔަވަޅު އަޅާނެ ގަވައިދެއް ހަދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ، މޫދަށާއި، ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ. އަދި އެ ކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

އެކަން ހައްލުކުރެވެން އޮތީ ފިޔަވަޅު އަޅައިގެން ކަމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

"މަދު ފަހަރެއްގައި އަޅުގަނޑުމެންނަށް އެބަ ދިމާވޭ މޫދަށް ކުނި އެޅުން. ރަށްރަށުގައި ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އެޅުން. ގޮނޑުދޮށަށް ކުނިއެޅުން. އެކަންތައްތައް ކުރާ ފަރާތްތައް މި ގަނޫނުގެ ދަށުން އަޅުގަނޑުމެން 'ލައެބަލް' ކުރުވާނަން. އަދި އޭގެ އިތުރަށް ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ވެސް ކުރާނަން،" ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި، ރާއްޖޭގެ ގުދުރަތީ ވަސީލަތަކީ ވެސް ރަނގަޅު ގޮތުގައި ބަލަހައްޓަންޖެހޭ ތަނެއް ކަމަށެވެ.