އަންނަ ހޮނިހިރު ދުވަހު މުހިންމު އިންތިޚާބުތަކެއް ބާއްވާތީ، މާލޭ ސަރަހައްދުގައި މަގުމަތީގައި ތޮއްޖެހުން މަދުކުރުމަށް، ބައެއް ބާވަތުގެ އުޅަނދުތައް އެ ދުވަހުގެ ގިނަ ގަޑިތަކުގައި ދުއްވުން މަނާކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ބާއްވާނެއެވެ. އެ އިންތިޚާބުތައް ހެނދުނު 8:00އިން 16:00އަށް ކުރިއަށްގެންދާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވަނީ، އިންތިޚާބުތަކާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ބައެއް ގަޑިތަކުގައި މާލޭގެ މަގުތަކުގައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރަން ނިންމައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ފިޔަވަޅު އަޅަނީ، ބަރު އުޅަނދުތަކުގެ ތެރެއިން އީ، ޑީ، ސީ2، ސީ0، އަދި ވީ ކެޓަގަރީގެ އެއްގަމު އުޅަނދަށެވެ. އެ އުޅަނދުތައް ދުއްވުން މަނާވަނީ އެ ދުވަހުގެ ހެނދުނު 06:00އިން 23:00 އަށެވެ.
އެ ވަގުތުތަކުގައި، އެ ކެޓަގަރީތަކުގެ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް އެ ނިންމުމުން އިސްތިސްނާވާނެކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.