ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ޤަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޒުވާނުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުންގެ ޕާފޯމަންސް ދަށްވުން ނުވަތަ ޤާނޫނުގައި ބަޔާން ކުރާ ކަންކަމުން ދުރުވާނަމަ ވަކި އަދަދަކަށް ސޮއިކޮށްގެން ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބޭނެކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއްގެ މެންބަރުންގެ ތާޢީދު ހޯދަވަން ޖެހޭނެކަމަށާއި އެކަންކޮށްގެން މަޖިލިސް ނުވަތަ ކައުންސިލް މެންބަރުންވެސް ވަކި ކުރެވޭނެކަމަށެވެ.
"އެހެންވީމަ ދައުރު މެދުތެރެއިން މަޖިލިސް އިންތިޚާބު ބާއްވާކަން ނުޖެހޭނެ. ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވާފައި މެންބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި އެ ޤާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ، އެހިސާބުން ރައްޔިތުންނާ ފުރުޞަތު އެބަލިބޭ އެ ގޮނޑިން ބޭރުކުރަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ފެންނަ ނުފެންނަ ވޯޓަށްފަހު، ގުޅިގެން ޤާނޫނުތަކަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ގަސްތުކޮށް އެކަމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ތެރެއިން އެއް އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކުރުމަށް ގެންނަ އިސްލާހެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިސްލާހު ގެނައުމުގެ ކަންކަން ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާގެ މައްޗަށް ބިނާވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅުވައި، ގެންނަ ބައެއް އިސްލާޙުތައްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ރިޔާސީ ދައުރު ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު ފެށުމަށް ގެންނަ އިސްލާހާއި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތީޚާބު އެއް ބުރުން ކުރިއަށް ގެންދިއުމަށް ޕްރިފަރެންޝަން ވޯޓިންގ ނިޒާމަކަށް ދިއުމާއި ގުޅޭ އިސްލާހެއްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިފަރެންޝަލް ވޯޓިންގ ނިޒާމާއި ގުޅޭ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލީހުގައި މެންބަރުން ތިބޭ ނިސްބަތް ކަނޑައެޅުމުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި ގުޅޭ އިސްލާހެއް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.