ހުޅުމާލެ ފޭސް 2 ކުޅިވަރު އެކުވެނި ސަރަހައްދު؛ ފޮޓޯ / އެޗްޑީސީ

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

ނާއިފް ހަލީމް
 
12 ގަޑިއިރު ކުރިން

ތަފާތު އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އެ ރަސްމިއްޔާތުގައި، ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުންވެސް ވަނީ ބައިވެރިވެފައެވެ.

އެޗްޑިސީން ބުނީ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެނިއާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު\ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނޭކަމަށެވެ. އެގޮތުން މި އެކުވެނީގައި، ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ.

އެޗްޑީސީން މިހާރު ވަނީ މި ދަނޑުތައް އާންމުންނަށް ހުޅުވާލާފައެވެ. މިއީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް އެޗްޑީސީން ބުންޏެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.