ބީއެމްއެލްއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

ވިލިމާލޭގައި 300 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ވިލިމާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތަކުގެ މަތީން ހަނދާން ނުނެތޭ ކަމަށް ވިދާޅުވެފައެވެ.

އަދި ވިލިމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަކީ ވެވަޑައިގެންނެވި ވައުދެއްކަން ފާހަގަކުރައްވާ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި 300 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މި މަޝްރޫޢަކީ، ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.