ކުޑަކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމުގެ އިތުރުން، ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، މޫސަލް މުއީން އެވެ. އޭނާއަކީ ޓީވީއެމްގެ ކުޑަކުދިންގެ ޕްރޮގްރާމްތައް އުފެއްދުމުގައި އިސްކޮށް އުޅުނު މީހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ޝޯއަކަށް ގެނައި ކުއްޖަކާ އެކަށީގެންނުވާ ބޭއަދަބީ ވާހަކަ ދައްކައި، އެ ކުއްޖާ ގްރޫމްކުރަން އުޅުނު މައްސަލައެއްގައެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން، މީގެ ހަތަރު މަސް ކުރިން އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އުމުރުން 37 އަހަރުގެ މި މީހާ ހައްޔަރުކުރީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަދައްކައި، އެ ކުއްޖާ ގްރޫމްކޮށް އެކްސްޕްލޮއިޓް ކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. މީގެ އިތުރުން، އޭނާ ގިނަ އަދަދެއްގެ ފިރިހެން ކުދިންނާ މިފަދަ ނުރަނގަޅު ގުޅުންތައް ބާއްވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށްގެން ގެންގުޅުމާއި، ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
މި މައްސަލާގައި މޫސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ކުޑަކުދިންނާ ގުޅުންހުރި މިފަދަ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާއި، ފެތުރުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އެންމެހައި އަނިޔާތަކަކީ ފުލުހުންގެ ޚިދުމަތުން ޚާއްޞަ އިސްކަމެއް ދީގެން ތަޙުޤީޤުކޮށް، ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.