ކުރިމަތިލެއްވި 3 ބޭފުޅުން --

ޕޮލިސް ކޮމިޝަނަރުކަމަށް 3 ބޭފުޅުން ކުރިމަތިލައްވައިފި

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

އެ މަގާމަށް ކުރިމަތިލާން މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލިއެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވައެވެ. އަދި އެކަމަށް އަލުން ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދަށް ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވިއިރު އެ މަޤާމަށް 3 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަކުރެއްވުމާޢި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.