ފޭސް 3 ގެ ބިންތައް ވަކިކޮށް މުޑިޖަހަނީ --

ފޭސް ތިނަކުން ބިން ހަވާލުކުރުމުގެ ތައްޔާރީތައް ފަށައިފި

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ފަށާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން މިއަދު އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެން، ތިންވަނަ ފިޔަވަހީގެ ބިންތައް ސާވޭކުރުމާއި އިންވަކިކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން ކުރީގެ ސަރުކާރުން ގޯތި ދޫކުރިއިރު އެ ސަރަހައްދުގެ ބޮޑު ބައެއް އޮތީ ނުހިއްކައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކުރައްވައި، ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވަނީ ހަލުވިކުރައްވާފައެވެ. އެގޮތުން މިހާރު ވަނީ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުންވެސް ނިންމާލާފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ހިއްކާ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން 'ޕްރިންސް ޑަރ ނެދަލޭންޑަން' އަދި 'އޮރަންޖް' ނަމަކަށް ކިޔާ، ކޮންމެ އެއްޗެއްގައި 22,000 ސީބީއެމްގެ ކެޕޭސިޓީ ހުރި ދެ ބޮޑު ޑްރެޖަރު ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަން އެޗްޑީސީން ފާހަގަކުރެއެވެ.