ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބްއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން، 905 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، 70 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 280 މީތަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، 2 ނެވިގޭޝަން ލައިޓު ހަރުކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް އެޅުމަށް ހަމަޖެހިފައިވެއެވެ.
ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމައްދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ ޖެނުއަރީމަހު ރަތަފަންދޫއަށް ވަޑައިގެން، އެރަށަކީ ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ރަށުގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަންފާހަގަކުރައްވާ ރައީސްވަނީ ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.