މިއީ އައްޑޫ ކައުންސިލުން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތު: އައިބީ

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އައްޑޫ ސިޓީ ކައުންސިލްގައި މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ނޫނެކޭ ބުނުމަށް އައްޑޫގެ ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީގެ "ދިވެހީންގެ ރާއްޖެ" ކަވަރޭޖަށް ދެއްވި ބަސްދީގަތުމެއްގައި އައިބީ ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު އައްޑޫގެ ރައްޔިތުން އުފުލި ތަކުލީފުތަކަކީ މިހާރު އޮތް ކައުންސިލްގެ ސަބަބުން ކުރިމަތިވި ކަންތައްތަކެއް ކަމަށެވެ.

އައިބީ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސިޔާސީ ފިކުރެއްގެ ބަޔަކު ތިބި ނަމަވެސް ކައުންސިލްތަކަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް އައްޑޫގައި ވޭތުވެދިޔަ 15 އަހަރު އޮތީ އިދިކޮޅު ފިކުރުގެ ކައުންސިލެއް ކަމަށާއި، އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރަށް ދަތިކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެބޭފުޅުންގެ އަމިއްލަ ސަރުކާރެއް އޮތް އިރުވެސް އެއްވެސް ކަމެއް ނުކުރެވުނު. ދެން އަންނަ ސަރުކާރުތަކަށް ކުރަނީ ޖެއްސުން. މިއީ ކޮރަޕްޝަނަށް ނޫނެކޭ ބުނަން އައްޑޫ ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް. މިހާރުގެ ކައުންސިލްގައި ކޮރަޕްޝަން އޮތީ އިންތިހާއަށް ގޮސްފައި. މަގުތައް މަރާމާތުކުރުމާއި، ފެނާއި ނަރުދަމާ ފަދަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މިހާރު ހުންނެވި މޭޔަރު ބަދަލުކުރަން އެބަޖެހޭ،" އައިބީ ވިދާޅުވިއެވެ.

އެހެންކަމުން، މިހާރުގެ މޭޔަރު އަލީ ނިޒާރަށް ނޫނެކޭ ބުނެ، ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީއަށް ވޯޓު ދެއްވުމަށް އައިބީ ވަނީ އައްޑޫގެ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.