ޓީބީން ސަލާމަތްވެފައިވާ މުސްތަގްބަލެއް ބިނާކުރަން ސަރުކާރުން މަސައްކަތްކުރާނެ: ރައީސް

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ބަލި އަވަހަށް ދެނެގަތުމާއި، ތަހުލީލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ފޯރުކޮށްދޭ އަޅާލުން އިތުރުކުރުމަށް ކުރެވޭ އައު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ޓިއުބާކިއުލޯސިސް (ޓީ.ބީ) ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.


ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ޓީ.ބީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ބަލި ފެތުރުން ހުއްޓުވުމާއި ފަރުވާ ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގައްޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ޓީ.ބީއަކީ އަދިވެސް އާންމު ޞިއްޙަތަށް އޮތް ބޮޑު ގޮންޖެހުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.


ޓީ.ބީ ބަލި މަދު ގައުމެއްގެ ގޮތުގައި ބަލައިގަނެފައި އޮތުމީ ދިވެހިރާއްޖެއަށް ލިބޭ ފަޚުރެއް ކަމަށާ، އަދި މި ބަލި ނައްތާލުމުގައި ދުނިޔޭގެ އިސް ސަފުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މި ބަލި، ދިވެހިރާއްޖެއިން ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު އަސާސީ މަސައްކަތްތަކުގެ ފެށުން، މި އަހަރު ފާހަގަކުރެވޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


މި މަސައްކަތްތަކުގައި އެންމެ އިސްކަން ދެވޭނީ އަވަހަށް ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރެޕިޑް ޑައެގްނޯސްޓިކްސް ނުވަތަ ހަލުވިކަމާއެކު ބަލި ދެނެގަނެވޭނެ ތަހުލީލުތަކާއި ފެންވަރު ރަނގަޅު ފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަލި ފެތުރޭ މިންވަރު މޮނިޓާކޮށް ބެލެހެއްޓުން (ސަވޭލަންސް) ވަރުގަދަކުރުމުގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ކަށަވަރުކުރުމަކީ ވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަންކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.