ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު --

ރިޒާވްގައި 1.2 ބިލިއަން ޑޮލަރު، ހާސްކަމެއް ނެތް: ރައީސް

ނާއިފް ހަލީމް
 
12 ގަޑިއިރު ކުރިން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށާއި، ރާއްޖޭގެ މާލީ ހާލަތާމެދު ހާސްވާންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ޖުމްލަ ރިޒާވް މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހާ ހަމައަށް އައިއިރުވެސް ހުރީ 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލީ އިތުބާރު ދަމަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ކުރިން ރޭވި ގޮތަށް ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާއާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން، އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ދައްކަންޖެހޭ ސުކޫކުގެ ޕޭމެންޓް ދައްކައި ނިންމައިލެވޭނެ ކަމަށެވެ.

މެދުއިރުމަތީގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރަމުންދާ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

މިއަހަރުގެ ތެރޭގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއިރު، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު އުފެދިފައިވާ ބައެއް ކަންބޮޑުވުންތަކަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.