ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ

ނާއިފް ހަލީމް
 
12 ގަޑިއިރު ކުރިން

ރާއްޖޭގެ ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިމްމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ސޮވްރިން ޑެވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިވަގުތު ކުރަން ޖެހޭ ދިރާސާތައް ހަދަން ފަށައިފައިވާކަން ރައީސް ވިދާޅުވިއެވެ.

"ތެލަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ޑިޕެންޑުވާން ޖެހޭ ކަންތައް ކަމަށްވާތީ، އޮއިލް ރިޒާމް ގާއިމްކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

މި މަސައްކަތް ކުރަން ނިންމަވާފައިވަނީ 3 ފިޔަވެއްސަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ފިޔަވައްސަކަށް 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭ ކަމަށެވެ.

"ވިސްނުމަކީ ދޮޅު އަހަރުން ފޭސްއެއް، ހަތަރު އަހަރާއި ބައި ނޫނީ ފަސް އަހަރުން ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމް ކުރުން. އެންޓިސިޕޭޓު ކުރެވެނީ މިއިން ކޮންމެ ފޭސްއަކަށް އިންވެސްޓުކުރުމަށާއި އެހެން ކަންކަމަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރާނީ އޭގެ ސަބަބުން ލިބޭ ގެއްލުމާއި ފައިދާ ބެލުމަށްފަހު އެންމެ ދެމެހެއްޓެނިވި ގޮތަކަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.