ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މި ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި މި ކާރުތައް ދައްކާލާފައިވާއިރު، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދު ގެނެވުނު ކާރުތަކަކީ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އުޅަނދުތަކުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ބާކީ ހުރި ކާރުތައް ރާއްޖެ ގެނެވޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ޖުމްލަ 150 ކާރު ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޗަންގަން އޮޓޯމޮބައިލްގެ އެސް.ސީ.05 މޮޑެލްގެ 60 ކާރު
ޗަންގަން އޮޓޯމޮބައިލްގެ ލުމިން އަދި އެސް.ސީ.07 މޮޑެލްގެ 90 ކާރު
މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި، މުޅިން އިލެކްޓްރިކް (އީވީ) އުޅަނދުތަކެވެ. 24 ގަޑިއިރު މެދުކެނޑުމެއްނެތި ދޭ މި ޚިދުމަތް ހޯދުމަށް ހާއްސަ އެޕްލިކޭޝަނެއް ބޭނުންކުރާނެއެވެ. މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ގާތުގައިވާ ޓެކްސީތަކުގެ މައުލޫމާތާއި ލޮކޭޝަން ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.