ޢީދުގެ އުފާވެރި މުނާސަބަތަކީ އިސްލާމީ ރިވެތި އާދަކާދަތަކާއި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި އަބަދުވެސް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢީދަކީ ދިވެހީންގެ މެދުގައި އޮންނަ އިސްލާމީ ސަގާފަތާއި، ޒަމާނުއްސުރެ ދެމިގެން އައިސްފައިވާ ދިވެހިވަންތަ ރިވެތި އާދަކާދަތަކާ ގުޅިލާމެހިފައިވާ މުހިންމު މުނާސަބާއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ އަހަރަކު މުސްލިމުންނާ ބައްދަލުކުރާ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖުތަމައުގައި އެންމެ އުފާވެރި ވަގުތުތަކެއްގެ ގޮތުގައި ފާހަގަކުރެވޭ މުނާސަބަތުތަކަށް ވުމަކީ އުންމީދެއް ކަމަށް ވިދާޅުވިއެވެ. އަދި ކާބަފައިންގެ ޒަމާނުން ފެށިގެން ޢީދާ ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް، ދިވެހީންގެ އަމިއްލަވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ އަގުހުރި ނަމޫނާއަކަށް ޢީދު ހެދުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މިއަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "ޢީދު ހަވީރު 1447" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތްތައް މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.