މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6,000 ރުފިޔާ ބަހައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މިއީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބި، ކޮންމެ ފަޤީރަކަށް އެންމެ ގިނައިން ފައިސާ ބެހުނު އަހަރެވެ. މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ބަހާފައިވަނީ 4,500 ރުފިޔާއެވެ. އެހެންކަމުން، މި އަހަރު ބެހި ޢަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު މީހަކަށް 1,500 ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 13.8 މިލިއަން ރުފިޔާ ވަނީ ފަޤީރުންނާއި މިސްކީނުންނަށް ބަހާފައެވެ. ޒަކާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޚާއްޞަ އިސްކަމެއް ދީގެން 62 ފަޤީރު ޔަތީމު ކުދިންވެސް ހިމަނާފައިވެއެވެ.
ޒަކާތް ބަލައިގަތުމުގައި މިއަހަރު ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހަތް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ޑިޖިޓަލްކޮށް ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލިއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް، ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާ ބަލައިގަނެ، އެ ފައިސާ ޖަމާކުރުމަށް ޒަކާތު ހައުސްއިން ޚާއްޞަ ޕޯޓަލެއް ތަޢާރަފުކުރިއެވެ.
މާލެ ސަރަޙައްދުގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. މީގެ އިތުރުން، އާދައިގެ މަތިން ގޮވާމުން ޒަކާތް ބަލައިގަތުމާއި ބެހުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.