މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު މާލޭގެ ތަރައްގީ އަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށާއި އެކަމަކު އޭގެ ފަހުން އެމްޑީޕީގެ މޭޔަރު އާދަމް އާޒިމާ އެކު އެކަން ހުއްޓިފައި ވާތީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލް އިންތިހާބު ވެއްޖެ ނަމަ މަސައްކަތްތައް ފައްޓަވަން ޖެހެނީ ރައީސް މުއިއްޒު ނިންމެވި ހިސާބުން ކަމަަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެ މަނިކުފާނާ އެކު ސިޓީ ކައުންސިލްގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް މެމްބަރު ޝުޖާއު އެހެން ވިދާޅުވީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބަށް ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގަ އެވެ.
ރޭގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ގެންގުޅުއްވި ތަސައްވުރު މިހާރުގެ މޭޔަރު އެމްޑީޕީގެ އާދަމް އާޒިމާ އެކު ހުއްޓިފައި ވާތީ ޖަލީލްގެ މެނިފެސްޓޯއަކީ ރައީސްގެ މެނިފެސްޓޯ ކަމަށެވެ.
"ރައީސް މުއިއްޒު ނިންމެވި ހިސާބުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މާލެ ސިޓީ ކައުންސިލް އަނދިރި ވެގެން ދިޔަ މަންޒަރު،" ބާރަށު ދާއިރާގެ މިހާރުގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވި ހިސާބުން "މާލެ ސިޓީ ކައުންސިލް އަނދިރި ވެގެން ދިޔައީ" މިހާރުގެ ކައުންސިލަރުން މަސައްކަތް ނުކުރައްވާތީއެއް ނޫނެވެ. އެއީ ނިޒާމު ހަމަޖެހިފައިވާ ގޮތުން ކައުންސިލަރުން މަސައްކަތް ކުރެއްވިޔަސް ކައުންސިލްގައި އެންމެ ފަހު ބަސް އިއްވާނީ މޭޔަރުކަމަށް ވާތީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.