އައްޑޫ ހިތަދޫ ފަތާ ޓްރެކް މޫދުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:41 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މީހާ މަރުވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.


އެ މީހާގެ ހަށިގަނޑު މޫދުން ނަގައިގެން މިހާރު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.


އެހެން ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންކަމުން އެ މީހާގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.


މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ ކުރިންވެސް ހިތަދޫ ފަތާ ޓްރެކް ސަރަހައްދުންނާއި އައްޑޫގެ އެކި ސަރަހައްދުތަކުގެ މޫދުން މީހުން މަރުވެފައި އޮއްވާ ފެނިފައިވެއެވެ