މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ، ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.4 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 252.8 މިލިއަން ޑޮލަރެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 202.8 މިލިއަން ޑޮލަރެވެ. އެހެންކަމުން ޓެކުހުގެ ގޮތުގައި ލިބުނު ބޭރ ފައިސާގެ އަދަދުވަނީ 24.6 އިންސައްތަ އިތުރުވެފައެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ދުވަހު 20.5 މިލިއަން ޑޮލަރު އަދި އާމްދަނީގެ ޓެކުހުގެ ގޮތުގައި 49.6 މިލިއަން ޑޮލަރު އަދި ގްރީން ޓެކުހުގެ ގޮތުގައި 27.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ފަތުރުވެރިކަަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި 155.1 މިލިއަން ޑޮލަރު ލިބުނެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު 54.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއާޕޯޓް ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 19.5 މިލިއަން ޑޮލަރު އަދި ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 20.2 މިލިއަން ޑޮލަރު ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 6.3 މިލިއަން ޑޮލަރު ލިބުނެވެ