އުޅެނީ ޕީއެންސީއަށް ހަރަދު ކުޑަކޮށް، 2 ބާރު އެއް ބުރުން ނަގަން ފަސޭހަ ކުރަން: އީވާ

ނާއިފް ހަލީމް
 
20 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފިއެވެ. އީވާ ވިދާޅުވި ގޮތުގައި މި ބަދަލުގެ އަސްލު މަގުސަދަކީ ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭން ހަރަދުތައް ކުޑަކޮށް، ދައުލަތުގެ ދެ ބާރުގެ ކޮންޓްރޯލް ފަސޭހަކަމާއެކު ހޯދުމެވެ.

މިކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމުގެ ވޯޓެއް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައި، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެކަން އިއުލާންކޮށްފައެވެ. މި ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އަޑުއުފުލުމަށް ސިޔާސީ ބައެއް ފަރާތްތަކުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ފާހަގަކުރެއްވި ގޮތުގައި، މިއީ ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށް ބުނުމަކީ "މަލާމާތެއް" ފަދަ ކަމެކެވެ. އަދި މިއީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރުމަކީ މަޖާ ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އީވާ ވިދާޅުވީ، "ހަގީގަތުގައި ދައުލަތުގެ ހަރަދު ކުޑަކުރަންށޭ ކިޔާފައި ކުރަން އެ އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރަކަށް ވެސް ނޫން، ސަރުކާރު ހިންގާ ޕާޓީ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ހަރަދު ކުޑަކުރަނީ. އެ ކުރަން އެ އުޅޭ ކަމަކީ އެއްފަހަރާ އެއް ބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުން، ދެ އިންތިހާބު ވަކިވަކިން ބާއްވާތީ ދެ ފަހަރެއްގެ މަތިން ކެމްޕޭނަށް ހަރަދުކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، "ނަމަވެސް މިއީ އެއް ކެމްޕެއިނަކަށް ހަދާފައި، ނާޖާއިޒު ހުރިހާ ވަސީލަތެއް، އެއީ ވޯޓަށްޓަކާ އެ އަޅާ ފައިސާތައް ކަމަށް ވިޔަސް ނުވަތަ ވަޒީފާތައް ކަމަށް ވިޔަސް ނުވަތަ ވޯޓަށްޓަކައި އެ ދޭ ކޮންޓްރެކްޓްތައް ކަމަށް ވިޔަސް، ނާޖާއިޒު ހުރިހާ ވަސީލަތެއް އެއް ކެމްޕެއިނަކަށް އަޅާލާފައި ދެ ބާރު އެއް ބުރުން ސަރުކާރު ހިންގާ ޕާޓީއަށް ނަގަން އެ ފަސޭހަ އެ ކުރަނީ. މިއީ ވިސްނާލަން ޖެހޭ ކަމެއް،" ކަމަށެވެ.

ނިންމާލައްވަމުން އޭނާ ވިދާޅުވީ "ސަރުކާރު ހިންގާ ޕާޓީއަށް ހަރަދު ކުޑަ ކުރުމަކީ ދައުލަތް ހިންގުމަށް ހަރަދު ކުޑަ ކުރުމެއް ނޫން" ކަމަށެވެ.