އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް އިއްޔެ ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ގޯސްވެ މިއަދު ރާއްޖެއަށް އަންނަން އޮތް 19 ފްލައިޓެއް ކެންސަލްވެފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
މީގެ ސަބަބުން 3،530 ފަސިންޖަރުންނަށް ވަނީ ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، އިއްޔެ ފެށުނު މި ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ވެސް ނުވަ ފްލައިޓެއް ކެންސަލް ކުރަން ޖެހުނެވެ. އެކަމުގެ ސަބަބުން 1،716 ފަސިންޖަރުންނަށް ދަތިތައް ކުރިމަތިވި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ވައިގެ ދަތުރުތައް މެދުކަނޑާލަން ޖެހުނީ މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެންނެވެ.
މިއަދު ކެންސަލްވި ފްލައިޓްތަކުގެ ތެރޭގައި މެދުއިރުމަތީގެ މައިގަނޑު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސް ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖެއަށް އަންނަން އޮތް ފްލައިޓްތަކާއި ރާއްޖެއިން ފުރަން އޮތް ފްލައިޓްތައް ވެސް ހިމެނެއެވެ.
ފަސިންޖަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްއޭސީއެލުން ވަނީ އެއާޕޯޓުގައި "ޑިސްރަޕްޝަން މެނޭޖުމަންޓު ސެންޓަރެއް" ގާއިމުކޮށްފައެވެ. އަދި ފަސިންޖަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ޑޮމެސްޓިކް ޓާމިނަލްގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަމާބެހޭ އިދާރާތަކާ ގުޅިގެން، ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން، ދަތުރުތައް ކެންސަލްވާ ފަރާތްތަކަށް އެހީތެރިވުމަށް ޑޮމެސްޓިކް ޓާމިނަލްގައި ހާއްސަ ކައުންޓަރުތަކެއް ބަހައްޓައި، އެކި އެއާލައިންތަކުގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
މި ހާލަތާ ގުޅިގެން އެމްއޭސީއެލުން ބުނީ، ފަސިންޖަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީ އަދި ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިފަދަ ހާއްސަ ހާލަތެއް މެދުވެރިވި ނަމަވެސް، ވެލާނާ އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާންނަކަން އެ ކުންފުނިން ކަށަވަރުކޮށްދިނެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 30 އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.