އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެ، އިތުރު ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިއަދު އިއުލާނުކޮށްފިއެވެ.

ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ސީދާ އީރާނުގެ ބެލިސްޓިކް މިސައިލްތަކުން ދީފައިވާ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާގައި މަރުވި ސިފައިންގެ އިތުރުން، ޒަހަމްވި ފަސް ސިފައިންގެ ހާލު ސީރިއަސް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ މިސައިލް ހަމަލާއެއްގައި އެމެރިކާގެ ސިފައިން މަރުވި ފުރަތަމަ ފަހަރެވެ. މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.