ގަތަރުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އޭއެން/އެފްޕީއެސް-132 ބްލޮކް 5 އާލީ ވޯނިންގ ރޭޑާ ސިސްޓަމަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އެ ސިސްޓަމް އެއްކޮށް ހަލާކުވެފައިވާކަން ހާމަވެއްޖެއެވެ. މި ރޭޑާ ސިސްޓަމަކީ 2013 ވަނަ އަހަރު އެމެރިކާ އިސްވެ ގަތަރުގައި ބެހެއްޓި ވަސީލަތެކެވެ.
މި ހަމަލާއާ ގުޅޭގޮތުން ގަތަރުގެ މިލިޓަރީން ނެރުނު ބަޔާނުގައިވާ ގޮތުން، އީރާނުގެ މިސައިލްތައް އަމާޒުވެފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުގެ އެންމެ މުހިންމު އެއް ބަޔަށެވެ. މި ރޭޑާ ސިސްޓަމަކީ ގާއިމުކުރި ދުވަސްވަރު 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓެކެވެ.
ރޭޑާ ސިސްޓަމްތަކަކީ ކޮންމެ ގައުމެއްގެވެސް ވައިގެ ދިފާއީ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ. ދުރު ރާސްތާގެ މިސައިލްތަކާއި އެހެނިހެން ނުރައްކާތައް ދެނެގަތުމުގައި މިފަދަ ރޭޑާ ސިސްޓަމްތައް މުހިންމު ދައުރެއް އަދާކުރެއެވެ.
މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދިފާއީ ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ގަތަރުގެ މިލިޓަރީން ދަނީ މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.