ދިވެހިރާއްޖޭގެ ފުޓުބޯޅަ "ވަޅުލެވިފައި" އޮތް އޮތުމަށް ނިމުމެއް އައިސް، މި ކުޅިވަރަށް އައު ދިރުމެއް ލިބި، ރަނގަޅު މިސްރާބަކަށް ދަތުރުކުރަން ފަށާފައިވާކަމީ ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ ކޮންމެ މީހަކުވެސް މިއަދު ގަބޫލުކުރާނެ ހަގީގަތެކެވެ. ފުޓުބޯޅަ އަލުން ކުރިއަރަމުންދާއިރު، އެ ކްލަބެއްގެ ވާހަކަ ދައްކާލުމެއްނެތި ދޫކޮށްލެވެން ނެތް އެންމެ ވަރުގަދަ ނަމަކީ ހަމަޔަގީނުންވެސް "އޮޑި ސްޕޯޓްސް ކްލަބް" އެވެ.
އޮޑި ސްޕޯޓްސް ކްލަބް އެންމެ ފުރަތަމަ ވުޖޫދުވީ މަސްއޮޑި ސްޕޯޓްސް ކްލަބްގެ ނަމުގައެވެ. އެ ނަމުގައި ކްލަބް ހިންގައި، ތިންވަނަ ޑިވިޝަން ކާމިޔާބުކުރުމަށްފަހު، އެ ޓީމު ވަނީ ދެވަނަ ޑިވިޝަނުން ޖާގަ ހޯދާފައެވެ. މަސްއޮޑީގެ ކާމިޔާބީގެ ދަތުރު އެހިސާބުން މަޑުޖެހުމެއް ނެތި ކުރިއަށްގޮސް، ދެވަނަ ޑިވިޝަންވެސް ކާމިޔާބުކޮށް، ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތި، ދިވެހި ޕްރިމިއާ ލީގަށް އެ ކްލަބު ވަނީ ފުރަތަމަ ފަހަރަށް ޕްރޮމޯޓް ވެފައެވެ.
މި ކާމިޔާބީއާއެކު، 2024 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު މަސްއޮޑިން ވަނީ "އޮޑި ސްޕޯޓްސް ކްލަބް"ގެ ނަމަށް ކްލަބް ރީބްރޭންޑް ކޮށްފައެވެ. މިއަދު ރާއްޖޭގެ ފުޓުބޯޅައިގައި އޮތް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކްލަބަކީ އޮޑި އެވެ. އެ ކްލަބުން ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުންދާ ފަންނީ އަދި އިދާރީ މަސައްކަތްތަކަކީ މުޅި ކުޅިވަރު އާއިލާގެ ތައުރީފް ހައްގު މަސައްކަތްތަކެކެވެ.
މިހާރު ކުރިއަށްދާ ސީޒަނަކީ އޮޑިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ސީޒަނެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ލީގު އަލުން ފެށިގެން ކުރިއަށްދިޔައިރު، އޮޑި ޓީމުން ދައްކަމުންދާ ތަފާތު މޮޅު ކުޅުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައާއި ދަނޑުމަތީގައި ތައުރީފް ކުރަމުންނެވެ.

ސްޕެއިންގެ ކޯޗު އަންދްރޭ ގާސިއާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އޮޑިން ވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައިވެސް ލީގުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެ ޓީމުން ހޯދި މި ކާމިޔާބީއަކީ ފާހަގަކޮށްލަންޖެހޭ ތާރީޚީ ކަމެކެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 48 ޕޮއިންޓާއެކު ޗެމްޕިއަންކަން ހޯދިއިރު، އޮޑިން ދެވަނަ ހޯދީ 39 ޕޮއިންޓާއެކުއެވެ. އެ ޓީމު ވަނީ ކުޅުނު 18 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެފައެވެ. ތިން މެޗު އެއްވަރުވިއިރު، ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. ފުރަތަމަ ސީޒަނުގައި ލީގުގެ ދެވަނަ ލިބުމަކީ، ކުރިއަށް އޮތް ސީޒަނަށް ނިކުންނައިރު ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
ލީގުގެ ކާމިޔާބީއަށްފަހު ދެން އޮތީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ވާހަކައެވެ. މިއީ އޮޑިން މި ޝަރަފުވެރި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް، ފުރަތަމަ ފަހަރުވެސް އެ ޓީމުން ވަނީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ކްލަބް އީގަލްސް ބަލިކޮށް، އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، އޮޑިން ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް، އެ ޓީމުން މިވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. މި ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ.
އޮޑި ސްޕޯޓްސް ކްލަބުގެ ކާމިޔާބީ ހަމައެކަނި ފިިރިހެން ފުޓުބޯޅައަކަށް ހުސްވެފައެއް ނެތެވެ. މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ވިމެންސް ލީގުގައިވެސް އެ ޓީމުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ވާދަކޮށް، އޮޑިން ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. 13 ޕޮއިންޓާއެކު މާޒިޔާ ޗެމްޕިއަންކަން ހޯދިއިރު، އޮޑިން ދެވަނަ ހޯދީ 10 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން، ކްލަބުގެ މުސްތަގުބަލަށް އަމާޒުކޮށްގެން އުފައްދާފައިވާ "އޮޑި ސްޕޯޓްސް އެކަޑަމީ" އަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މި ކުރު މުއްދަތުގެ ތެރޭގައި އެކަޑަމީން ވަނީ އެކި އުމުރުފުރާތަކުގެ މުބާރާތްތަކުން ޖުމްލަ ހަތް ތަށި ހޯދާފައެވެ. މިއީ އޮޑިން ދިވެހި ފުޓުބޯޅައިގެ ބިންގާ ވަރުގަދަކުރުމަށް ކުރަމުންދާ އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާއެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އޮޑި ނިކުންނައިރު، ޓީމުގެ ހަމައެކަނި އަމާޒަކީ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ރަން މެޑަލް ކަރުގައި އަޅުވާލުމެވެ. ޓީމު ފުރިހަމައަށް ތައްޔާރުވެފައި އޮތްއިރު، ކްލަބުގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ގޮސް ޓީމަށް ހިތްވަރު ދިނުމެވެ. އޮޑީގެ ސަޕޯޓަރުންނަށް ޚާއްޞަ ކުރެވިފައިވަނީ ދަނޑުގެ ސަހަރާ ފަޅިއެވެ. މިއީ އޮޑި ސްޕޯޓްސް ކްލަބަށް ތާރީޚު ބަދަލުކޮށްލަން ލިބޭ ރަން ފުރުސަތެކެވެ.