ސްޓޭޓް މިނިސްޓަރ ނިހާދު

މާލޭގެ ރައްޔިތުންނަށް އެންމެ މޮޅުވާނީ ސަރުކާރު ކެންޑިޑޭޓު މޫސާ ޖަލީލް: ސްޓޭޓް މިނިސްޓަރ ނިހާދު

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ނިހާދު ވިދާޅުވީ މޫސާ އަލީ ޖަލީލަކީ ޤައުމަށްޓަކައި ޖިހާދުވާން ކެރިގެން މޭ އައްޑަނައަކަށް ދިއްކޮށްގެން ނިކުންނެވި ބޭފުޅެއް ކަމަށެވެ. އަދި ސިފައިންގެ އެންމެ މަތީ މަޤާމުތަކާއި ޑިފެންސް މިނިސްޓަރުކަން ކުރައްވައި، ބޮޑެތި މުއައްސަސާތައް ހިންގެވުމުގެ ތަޖުރިބާ ހުރި ބޭފުޅަކު މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުންނެވުމަކީ މާލެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މާލެއަށް ގެންނަން ބޭނުންވާ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ، ވޭތުވެދިޔަ 15 ވަރަކަށް އަހަރު ނުކުރެވި ހުރި އެތައް ކަމެއް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ނިންމައި، މާސްޓަރ ޕްލޭނެއްގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ބިންތައް ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް އެންމެ މޮޅުވާނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން. ކޮންމެ ދުވަހަކު ހެނދުނު ސަރުކާރާ ދެކޮޅަށް ހަޅޭއްލަވަން ހުންނަ މޭޔަރަކު ހޮވައިފިނަމަ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ،" ނިހާދު ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަތަކާއި، ބަނދަރުގެ ދަތިތަކާއި، މަސް މާރުކޭޓުގެ ކަންކަން ޙައްލުކުރުމަށް ސަރުކާރަށް މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށް ނިހާދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި އެހީތެރިވެދޭނެ، ތަޖުރިބާހުރި ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.