ހުޅުމާލޭގައި ޕިކަޕެއްގެ ދަށުވެ 60 އަހަރުގެ މީހަކު ނިޔާވެއްޖެ

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓި، މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 2026 ފެބްރުއަރީ 15 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:05 އެހައިކަންހާއިރުއެވެ. ޕިކަޕްގެ ދަށުގައި މަސައްކަތް ކުރަން އޮއްވައި، އެ އުޅަނދު ގައިމައްޗަށް ވެއްޓި އަނިޔާވި މީހާ ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.