ހއ. އަތޮޅާއި ހދ. އަތޮޅުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުން

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

ހއ. އަތޮޅާއި ހދ. އަތޮޅުގެ ފަސް ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުތައް ބާއްވައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.

ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމަށް ފެބުރުވަރީ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހުޅުމާލެ ޕޮލިސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މީގެ އިތުރުން އިހަވަންދޫ ސުކޫލުގެ ރަސްމިއްޔާތު އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް ޝަރަފުވެރިކޮށްދެއްވިއިރު، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.


ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް އަދި ސުކޫލުތައް ގުޅިގެން މި މަހުގެ 7 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމުލަ 184 ދަރިވަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުތަކުގައި ފުލުހުންގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް މަގުމަތީގެ ގަވާއިދުތަކާއި، ޓްރެފިކް ނިޝާންތަކާއި، އެއްގަމު އުޅަނދު ދުއްވުމުގެ އުސޫލުތަކުގެ އިތުރުން މަގުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސިއްހީ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ދޭނެ ގޮތްތަކާއި، މުާމަލާތުކުރުމުގެ ހުނަރުތަކާއި، ބޭސިކް ސެލްފް ޑިފެންސް އުކުޅުތައް ވެސް ވަނީ ދަސްކޮށްދީފައެވެ.


ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.