މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް، ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމައި އާންމުންނަށް ހުޅުވާލާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ އެކި ބައިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން ފެށިގެން މާރުކޭޓާ ހަމައަށް ހިމެނޭ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިންމައި ބޭނުންކުރަން ފަށާފައެވެ. މިހާރު ކުރިއަށްދަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މަސައްކަތްތަކެވެ.
މިއަހަރުގެ ރަމަޟާން މަސް މިމަހުގެ 18 ވަނަ ދުވަހު ފެށޭއިރު، އެމްޓީސީސީގެ އަމާޒަކީ އެ ތާރީޚުގެ ކުރިން ބާޒާރުމަތީގެ މި ސަރަހައްދު ނިންމައި އާންމުންނަށް ދޫކޮށްލުމެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި މަގު ބައްތިތައް ހަރުކުރުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢު ފެށުނީއްސުރެ ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ރަމަޟާން މަހުގެ ކުރިން މަސައްކަތް ނިންމުމަށެވެ. ބާޒާރުމަތީ ސަރަހައްދަކީ ރޯދަމަހު ވަރަށް ބޮޑަށް ބާރުބޮޑުވާ ތަނަކަށް ވާތީ، މަގު ފުޅާކޮށް ތާރުއަޅައި ނިމުމުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ސަރުކާރުން ދެކެއެވެ.
މަގު ފުޅާކުރުމުގެ ގޮތުން ފަޅުން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަހައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ. މި މަސައްކަތް އެއްކޮށް ނިމުމުން ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރުގެ ކަންކަން ވިޔަފާރިވެރިންނަށާއި އާންމުންނަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، މިއީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް ރައްކާތެރި އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.