ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީނު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ އެ ދާއިރާގެ ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. ގަލޮޅު އުތުރު ދާއިރާއަކީ އޭނާގެ އުފަން ދާއިރާކަން ފާހަގަކުރައްވައި، ރީނު ވިދާޅުވީ އެ ދާއިރާއަށް ޚިދުމަތް ކުރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ތެރެއިން މިއުނިސިޕަލް ޚިދުމަތްތައް އަވަސްކުރުމަށާއި، މާލޭގައި ހުރި ކުދި އަދި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ޚާއްޞަ އިސްކަމެއް ދީގެން ކުރި މަސައްކަތެއްގެ ގޮތުގައި ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީގެ ޕަބްލިކް ސްޕޭސަސް ކޮމިޓީގެ ހައިސިއްޔަތުން މާލެތެރެ ފެހިކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށް ރީނު ވިދާޅުވިއެވެ. އަދި ޚިދުމަތްތައް އިތުރަށް އަވަސްކުރުމަށްޓަކައި ގިނަ ރޭވުންތަކެއް ރޭވިފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފިން. އަދި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ،" ރީނު ވިދާޅުވިއެވެ. އޭނާ ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދަށް އެދިވަޑައިގެންފައެވެ.