ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުން ވިދާޅުވީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އުމުރުން 44 އަހަރުގެ އަލީ ޙަސަނާއި، ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހިމެނޭ އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ.

މީގެ އިތުރުން މައްސަލައާ ގުޅިގެން މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 3 ވަނަ ދުވަހު ކަމަށްވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 2026 މާރިޗު 6 ވަނަ ދުވަހަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.