ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.
ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއާއެކު އޮތް ވަރުގަދަ ގުޅުން ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާއިން އުންމީދުކުރާ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.