ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ފަރާތްތަކަކުންވެސް ނިކުމެ، ފަރުދީ ޒިންމާ އަދާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މާފަންނު މެދުދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ސާޖިދާ ވިދާޅުވީ މިހާތަނަށް ފެނުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގަ އާންމުކޮށް މީހުން ވޯޓުލާ މިންވަރު ވަރަށް ދަށްކަން ފާހަގަކުރެވޭ ކަމަށާއި، ވޯޓުލާން ދަނީ އެންމެ 30 ހަކަށް އިންސައްތަ މީހުންކަމަަށެވެ. ވޯޓާ ގުޅޭގޮތުން ބައެއް މީހުން ވިސްނާ ވިސްނުން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގިނަ ޕާޓީތަކެއް ތަމްސީލްކުރާ މިފަދަ އިންތިހާބުތަކުގައި ވޯޓުލުމުގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ.